Tuesday, August 10, 2010

"ރައްކާތެރި ގޮތެއްގައި މޫދަށް އެރޭނެ ތަނެއް ބޭނުން"

ތިނަދޫގެ ރައްޔިތުންނަކީ އުފާ ފާގަތި ކަންމަތީ ދިރިއުޅުން ވޭތި ކުރަމުން އައި ބައެކެވެ. ދާދި އިހަށްދުވަހާ ޖެހެންދެން އިޖްތިމާޢީ އެއްބައިވަންތަ ރޫޙެއް އާވެ އާލާވަމުން އައި ރަށެކެވެ.
މިފަހަރު ދަންނަވަން މިއުޅެނީ މުޅިން ތަފާތު ވާހަކައެކެވެ. ދިވެހިންގެ ދިރިއުޅުމުގެ އާދަކާދައިގެ މަތިން މޫދަށް އެރި އުޅުމަކީ އުފަލާހިތްހަމަ ޖެހުން ލިބިދޭ ކަމެކެވެ. އަޅުގަނޑުމެން މޫދަށް އެރިއުޅުނީ "އޮއި ތެއްލާ" ކިޔާ ތަނަކަށެވެ. ބައެއްފަހަރު "ޖައްރާފަޔާ" ކިޔާތަނަކަށްވެސް މޫދަށް އެރެން ދިޔަހަދާން ވެއެވެ. ތަރައްޤީ އާއެކު މިނަން ކިޔުނު ދެތަންވެސް ހިކިފަސް ތަންތަނަށް ބަދަލުވެގެން ދިޔައީއެވެ.
މިފަހަކަށް އައިސް ތިނަދޫގެ ކުދިބޮޑު އެންމެން މޫދަށް އެރެން ގޮސް އުޅެނީ އެސްޓީއޯގުދަނުގެ ކުރިމަތިން އޮތްދިމާލަށެވެ. ހުކުރު ދުވަސްދުވަހު ގިނަ އާއިލަތަކަކުން ހިތްހަމަ ޖެހުމާއިއެކު އުފާވެރި މާހައުލެއްގައި މޫދަށް ގޮސް އާއިލީ ގުޅުން ބަދަހި ކުރަމުން ލިބެމުންއައި ފުރުސަތު ގެއްލުނީއެވެ. އެހެންނަމަވެސް އެއީވެސް ރަށުގެ ތަރައްޤީގެ ޗޭނަށް މަހާލެވޭ އިތުރުބޮޅެވެ. މިސަރުކާރުން ތިނަދޫގެ ބަނދަރު ތަރައްޤީ ކުރުމަށް ކަނޑައަޅައިފައިވާ މަޝްރޫޢު ނިމޭއިރު ރަށުގެ މަލަމައްޗަށް އިތުރު ފުރިހަމަ ކަމެއްލިބޭނެއެވެ. ތަރައްޤީގެ މިފިޔަވަޅާއެކު ރަށުގެ ރައްޔިތުންނަށް ރައްކާތެރިކަމާއެކު މޫދަށް އެރިއުޅެވޭނެ ގޮތެއް ހަމަޖެހިގެން ހިގައްޖެނަމަ އަޅުގަނޑުމެންނަށް އެއްދޮނުގައި ދެބުޅިޖަހާލެވުނީއެވެ.
ދާދިފަހުން މިސަރުކާރުން ނ.އަތޮޅު ވެލިދޫގެ ރައްޔިތުންނަށްޓަކައި ހަދައިދެވުނު އާޓިފިޝަލްބީޗްގެ ފެންވަރުގައި ތަނެއް ނުހެދުނަސް، މިކަމަށްޓަކައި ރަށުފެންވަރުގައި ވާހަކަދެކެވި، މިސަރުކާރާ މަޝްވަރާ ކުރެވިދާނެއެވެ. ފަހަރުގައި ރަގަޅު ގޮތެއް ހަމަޖެހުމަކީ ވެސް ދުރުގައި އޮތްކަމެއްނޫނެވެ. މިއަދުގެ ހާލަތު ވަރަށް ތަފާތެވެ. މޫދަށްއެރި ކަސްރަތުކުރެ އުޅޭ މުސްކުޅިންނާއި، ފަތިހު މޫދަށްދާ އަންހެންވެރިންގެ އަދަދު ވެސް މަދެއްނޫނެވެ. ރަށުގެ ވަށައިގެން ނަޒަރު ހިންގާލިޔަސް، ރައްކާތެރި ގޮތެއްގައި ކުޑަކުދިންނާއި، މުސްކުޅި އުމުރުގެ މީހުންނަށް މޫދަށް އެރެވޭނެ ތަނެއް ނެތެވެ.
ވަގުތީގޮތުން ފަޅުފުން ކުރުމަށްޓަކައި ނެގޭ ފަހުގެ ބޭނުން ކޮށްގެން ނަމަވެސް ގޮޑުދޮށުގެ ހިތްގައިމު ކަން ލިބޭ ގޮތަށް މޫދަށް އެރި އުޅޭވޭނެ ކޮންމެވެސް ތަނެއް ހަމަޖެހިގެން ދިއުމަކީ ޅަފުރާއިގެ ޒުވާނުންނާއި ރަށުގެ ކުދިބޮޑު އެންމެންގެ ހިތަށް ހިތްހަމަޖެހުން ލިބޭނެކަމެކެވެ.
ކޮންމެ ހުކުރުދުވަހަކު ރަށުން ފުރައިގެން ފަޅުރަށަކަށް ދިއުމަކީ އެހާ ފަސޭހަ ކަމެއްނޫނެވެ. ކުރިއަށް މިއޮތް ރަމަޞާން މަހަށް މަރުހަބާކިޔާ މާހެފުން (މޫދަށްގޮސް ހިތްހަމަޖެހުން ލިބިގަތުން) އެސްޓިއޯކުރިމަތިން އޮތް ދިމާލުން ލިބޭނެ އެންމެ ފަހުގެ ފުރުސަތައް ވުމަކީ ވަރަށް ގާތްކަމެކެވެ. އެހެންނަމަވެސް ތިނަދޫގެ ގިނަ ރައްޔިތުންގެ އުއްމީދަކީ އަވަސް ފުރުސަތެއްގައި މިފަދަ އެހެން ތަނެއްގެ ހިތްހަމަޖެހުން ލިބުމެވެ. ރައްޔިތުންނާއި، ވެރިން ގުޅިގެން ތެދުވެ އެއްރޫޙެއްގައި ސަރުކާރާއި މަޝްވަރާ ކުރެވިއްޖެނަމަ ތިނަދޫ ރައްޔިތުންގެ އިޙްސާސްތަކަށް މިސަރުކާރު ފުރަގަސް ދޭނެއޭ ބުނަން ދައްޗެވެ. މިއީ އޯގާވެރި ސަރުކާރުގެ ނަމުން އަޅުގަނޑުމެން ސިއްކަޖެހި ސަރުކާރެވެ. އަޅެ ވާގޮތެއް ބަލަމާހިގާށެވެ.

No comments:

Post a Comment