Tuesday, August 10, 2010

އިތުރު ރެކޯޑަކާ އެކު އިނާޔާ ތިނަދޫއަށް

ދިވެހިރާއްޖޭގެ އެތްލެޓިކްސް މައިދާނުގައި އެންމެ ކުޅަދާނަ އެއްތަރި އަދި ގދ އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރު އިނާޔާ ފާރޫގު ކެނެޑާގެ މުބާރާތުގައި ބައިވެރިވެ އިތުރު ރެކޯޑެއް ހޯދައިފިއެވެ.
ކެނެޑާގެ މޮންސްޓަންގައި ހުސްވި ޖުލައިގެ 19 އިން 25 އަށް ކުރިއަށްދިޔަ ވަރލްޑް ޖޫނިއަރ އެތްލެޓިކްސް ޗެމްޕިއަން ޝިޕްގައި ދިވެހިރާއްޖޭގެ އެތްލީޓުގެ ގޮތުގައި ބައިވެރިވެ އިނާޔާ ވަނީ 1500 މީޓަރު ދުވުމުގެ ރާއްޖޭގެ ރެކޯޑް ހޯދާފައެވެ. އަދި އޭނާވަނީ ދުނިޔޭގެ އެކިކަންކޮޅުތަކުން 32 އެތްލީޓުންނާ ވާދަކޮށް 11 ވަނަ މަޤާމް ހޯދާފައެވެ.
އުމުރުން 18 އަހަރުގެ އިނާޔާ އަކީ މިއަހަރުގެ ތެރޭގައި 5000 މީޓަރުގެ ރެކޯޑް ދެފަހަރު ހޯދުމަށްފަހު ، 1500 މީޓަރުގެ ޤައުމީ ރެކޯޑް ވެސް ހޯދާފައިވާ އެންމެ ކާބިޔާބު އެއްއެތްލީޓެވެ.
އިނާޔާ މިވަގުތު މަސައްކަތް ކުރަމުންދަނީ މިމަހު 5 - 8 އަށް މާލޭގައި ކުރިއަށްދާ ދިރާގު އިންޓަރ ސްކޫލް 2010 ގެ އޮފިޝަލެއްގެ ގޮތުގައި މާލޭގައެވެ.

އެނަލޫ ބްރޭންޑް ތަކެތި ތިނަދޫގެ ބާޒާރުގައި ވިއްކަން ފަށައިފި

ރާއްޖޭގައި ހަލުއިކަމާއެކު ޑިމާންޑް ބޮޑުވަމުން އަންނަ ބްރޭންޑެއްކަމަށްވާ "އެނަލޫ" ގެ އުފެއްދުންތައް ތިނަދޫގެ ބާޒާރުގައި ހޯލްސޭލްކޮށް އަދި ރީޓޭލްކޮށް ވިއްކަން ފަށައިފިއެވެ.
ތިނަދޫ ބާޒާރުގައި އެނަލޫގެ އުފެއްދުންތައް ވިއްކުމުގައި މަސައްކަތް ކުރާ ފަރާތް ކަމުގައިވަ އަބްދުﷲ ފާއިޒް ވިދާޅުވީ ހުސްވި ޖުލައިގައި ތިނަދޫގައި ވިއްކަން ފެއްޓި އެނަލޫގެ އައިޓަމްތަކަށް މުޅި އަތޮޅުންވެސް ވަރަށް ބޮޑު ޑިމާންޑެއް ލިބެމުންދާ ކަމަށެވެ.
"އަޅުގަނޑުމެން މިވަގުތު މިވިއްކަނީ ނެޕީ، ޓިޝޫ އަދި އަންހެން ބޭފުޅުން ބޭނުންކުރާ ފެޑް. މީގެ ކޮންމެ ބާވަތަކުންވެސް ތަފާތު އައިޓަމް އެބަހުރި. މީގެ ތެރެއިން އެންމެ ޑިމާންޑް ބޮޑީ ނެޕީ" ފާއިޒު ވިދާޅުވިއެވެ.
އެނަލޫގެ ބާވަތްތައް ތިނަދޫ އިން ހޯލްސޭލް ކުރަނީ ސީފޯސީ ފިހާރައިންނެވެ. އަދި އަދި އަގު ވަރަށް ހެޔޮކަމަށް ވިޔަފާރިވެރިން ބުނެއެވެ.

ހުވަދޫ އަތޮޅުގެ ބައެއް ރަށްތަކާ މެދު ސަރުކާރުން ފަރުވާ ކުޑަކުރަނީ ކީއްވެ؟

ހުވަދޫ އަތޮޅަކީ އެއްގޮތަކަށްވުރެ ގިނަ ގޮތުން އެކަށީގެންވާ ތަރައްޤީއެއް ލިބިފައިވާ ތަނެކެވެ. ރާއްޖޭގެ ތަހުޒީބާ ކުރިއެރުމުގެ ވާހަކަ ބުނެވޭ ހިނދު މިއަތޮޅުވެސް ޝޯޓްލިސްޓް ކުރެވޭނެ ކަމީ ހަޤީގަތެކެވެ. ނަމަވެސް މިއަތޮޅުގެ ތަރައްޤީއާ ކުރިއެރުންފާހަގަ ވަނީ ވަކި ރަށްތަކެއްގައި ކަމީވެސް ފާހަގަ ކޮށްލަންޖެހޭ ކަމެކެވެ. ގއ. ވިލިނގިލީ، ކޮލަމާފުށި އަދި ގދ ގެ ވެރިކަން ކުރާ ރަށް ތިނަދޫ އެވެ. ނިމިގެން ދިޔަ ސަރުކާރާ މިހާރުގެ ސަރުކާރުގެ ލޯވެސް ފުރަތަމަ އަމާޒުވީ އިސްވެ ދެންނެވި ރަށްތަކަށެވެ. ސިޔާސީ ގޮތުން އާބާދީއަށް އިސްކަންދިނުމީ ރަގަޅު ބުއްދިއެއެ ކަމަށް ދެކިގެން ކަމަށްވެސް ވެދާނެއެވެ.
ކުރީގެ ސަރުކާރު ނިމިގެން ދިޔައިރުވެސް މަންޒަރުބަލަންތިބި އެތައްރަށްތަކެއް މިހުވަދުއަތޮޅުގައި އެބައޮތެވެ. ބަނދަރު ނެތިގެން ، ގޯތި އިމާރާތް ކުރާނެ ބިމެއްނެތިގެން، ފަޅެއްނެތިގެން ޝަކުވާކުރަމުން ދިޔަ އެތައް ރަށެއް އެބައޮތެވެ. ވަޒީފާގެ ފުރުސަތު ނެތުމާ، ތައުލީމީ ފެންވަރު ދަށްކަމުގެ ޝަކުވާ ނޫސްވެރިންނާ ހަމަޔަށް ފުނުވި އެތައް ރައްޔިތުންނެއް ދިރިއުޅޭ ރަށްތަކެއްވެސް މިހުވަދު އަތޮޅުގައި އެބައޮތެވެ. ނަމަވެސް އާސަރުކާރު ބަދަލުވެގެން 2އަހަރަށް ކުޑަތަންވެފައިވާއިރު އެއްކަލަ ރަށްތަކުގެ ޝަކުވާ އޮތީ ހަމަ އޮތް ގޮތަށެވެ. މަޑަވެލީގެ ފަޅު ހިކިގެންގޮސް ބޭނުން ނުކުރެވޭ ވަރުވެފައިވާތާ އެތައް އަހަރެއް ވެފައިވަނިކޮށް އިހަކަށް ދުވަހު ސަރުކާރުން އެފެއްޓީ ތިނަދޫގެ ބަނދަރު އިތުރަށް ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫއެވެ. ބައެއް ރަށްރަށުން ގޯތި ނުލިބިގެން ރަށު އޮފީހުގައި ސަލާމް ޖަހަމުން ދަނިކޮށް ކުރީގެ ސަރުކާރުން ތިނަދޫ ބިން ބޮޑުކޮށް އެތައް ސަތޭކަ ގޯތި ދީފައިވަނިކޮށް އާސަރުކާރުން ގއ. ކޮލަމާފުއްޓާ ތިނަދޫގައި ހައުސިންގ ޔުނިޓް އަޅުއްވަން ފެއްޓެވީއެވެ. މިފަދަ ކިތަންމެ ކަމެކެވެ.
ހުވަދު އަތޮޅުގެ ބައެއް ރަށްރަށުގެ މީހުން ހުވަދޫ ނޫހަށް ދިފައިވާ ކުރު ބަސްދީގަތުން ތަކުގައި ޖުމްލަކޮށް ބުނެފައިވާ އެއް ވާހަކައަކީ ހުވަދު އަތޮޅުގެ އާބާދީ ބޮޑެތި އަދި ސަރުކާރުން ސަމާލުކަން ބޮޑަށްދޭ ރައްތައް ތަރައްޤީ ކުރުމަކީ މުހިންމު ކަމެއްކަމަށާ، ނަމަވެސް އެރައްތަކުގެ ވިޔަފާރިވެރިންނާ ސަރުކާރު އެރައްތަކުގައި ބީރައްޓެހިންނަށް ޚާއްސަ ކަންތަކެއްވެސް އަދި ތަންތަންވެސް ހެދުމީ މުހިންމު ކަމެއް ކަމަށެވެ.

ތިނަދޫ އިންޖީނުގޭގެ އޮފީހުން ގިނަ އަދަދެއްގެ ފައިސާ ގެއްލިއްޖެ

ގދ ތިނަދޫގައި ހުންނަ އަޕަރ ސައުތު ޔުޓިލިޓީސްގެ އިންޖީނުގޭގެ އޮފީހުން ގިނައަދަދެއްގެ ފައިސާ މިދިޔަ ބުދަދުވަހު ގެއްލިއްޖެ ކަމަށް ހުވަދޫ ނޫހަށް މައުލޫމާތު ލިބިއްޖެއެވެ.
މިމައުލޫމާތަކީ ތެދުމައުލޫމާތެއް ކަމަށް ތިނަދޫ ޕޮލިސް ސްޓޭޝަނުން ވަނީ ކަށަވަރު ކޮށްދީފައެވެ. އަދި އެމައްސަލަ ވަނީ ތަހުޤީގު ކުރަން ފަށާފައި ކަމަށާ މައްސަލަ ނިމުމުގެ ކުރިން އިތުރު ތަފްސީލެއް ދެވެން ނެތް ކަމަށް ވެސް ތިނަދޫ ޕޮލިސް ސްޓޭޝަނުން ވިދާޅުވިއެވެ.
މިވަގުތު އަޕަރ ސައުތު ޔުޓިލިޓީޒް ގެ ތިނަދޫ އިންޖީނުގޭ އޮފީސް ހިންގުމާ ހަވާލު ވެހުންނެވި އަހުމަދު އަލިދީ ވިދާޅުވީ އެތަނުން ފައިސާ ގެއްލިފައިވަނީ ކޭޝިއަރު އިބްރާހިމް ރިޔާޒު ފައިސާ ބެންކަށް ޖަމާކުރަން ރެޑީ ކޮށްފައި ބްރޭކަށް ދިޔަވަގުތު ގައި ކަމަށެވެ.
"މިހާތަނަށް އަޅުގަނޑުމެންނަށް އެގުނު ގޮތުގައި އެވަތްގަނޑުގެ ޑަބަލް ތަޅުދަނޑި ކަމަށް ބުނާ ތަޅުދަނޑިއަކީ ރަގަޅު ތަޅުދަނޑިއެއް ނޫން ކަން ، މިމައްސަލަ ދަނީ ބަލަމުން" އަހުމަދު އަލިދީ ވިދާޅުވިއެވެ.
ތިނަދޫ އިންޖީނުގޭގެ އޮފީހުގެ ފައިސާ ބަލައިގަންނަ ކައުންޓަރުގެ ވަތްގަނޑުގައި އެތަނުގެ މުވައްޒަފަކު ބަހައްޓާފައިހުރި 15 ހާސް ރުފިޔާވެސް މީގެ 3 މަސް ކުރިން ގެއްލިފައިވާ ކަމަށްވެސް ހުވަދޫ ވީކްލީ އަށް މައުލޫމާތު ލިބިފައިވެއެވެ.


ތިނަދޫ ރީޖަނަލް ހޮސްޕިޓަލް ހިންގުން މުހައްމަދު ހުސައިން އާ ހަވާލު ކުރައްވައިފި.
ތިނަދޫ ރީޖަނަލް ހޮސްޕިޓަލް ހިންގުމަށްއެހޮސްޕިޓަލްގެ ޑެޕިއުޓީ ޑިރެކްޓަރ މުހައްމަދު ހުސައިންއާ މިދިޔަ ބުރަސްފަތި ދުވަހު ހަވާލު ކުރައްވައިފިއެވެ.
ތިނަދޫ ރީޖަނަލް ހޮސްޕިޓަލް ހިންގެވުމާ މިމަހު 5 ވަނަދުވަހު މުހައްމަދު ހުސައިން އާ އަލުން ހަވާލު ކުރެއްވި އިރު އޭނާ ވަނީ އެހޮސްޕިޓަލް ހުޅުވުނީއްސުރެ__________ ޖެހެންދެން މެނޭޖަރެއްގެ ހައިސިއްޔަތުން ހޮސްޕިޓަލް ހިންގާފައެވެ. އަދި މިހާތަނަށް އެހޮސްޕިޓަލަށާއި ހުވަދު އަތޮޅުގެ ސިއްޚީ ދާއިރާއަށް ވަރަށް އެކަށީގެންވާ ކާމިޔާބީއެއް ހޯދައި ދެއްވައިފައެވެ. އެގޮތުން މުހައްމަދު ހުސައިން ކުރެއްވި ޙިދުމަތުގައި ހޮސްޕިޓަލަށް ލިބިފައިވާ އެންމެ ބޮޑު އެއްކާމިޔާބީ އަކީ މިއަހަރު އެ ހޮސްޕިޓަލަށް ލިބިފައިވާ ވޯރލްޑް ނޯ ޓެބޮކޯ އެވޯޑް ހާސިލްވުމެވެ.

"ރައްކާތެރި ގޮތެއްގައި މޫދަށް އެރޭނެ ތަނެއް ބޭނުން"

ތިނަދޫގެ ރައްޔިތުންނަކީ އުފާ ފާގަތި ކަންމަތީ ދިރިއުޅުން ވޭތި ކުރަމުން އައި ބައެކެވެ. ދާދި އިހަށްދުވަހާ ޖެހެންދެން އިޖްތިމާޢީ އެއްބައިވަންތަ ރޫޙެއް އާވެ އާލާވަމުން އައި ރަށެކެވެ.
މިފަހަރު ދަންނަވަން މިއުޅެނީ މުޅިން ތަފާތު ވާހަކައެކެވެ. ދިވެހިންގެ ދިރިއުޅުމުގެ އާދަކާދައިގެ މަތިން މޫދަށް އެރި އުޅުމަކީ އުފަލާހިތްހަމަ ޖެހުން ލިބިދޭ ކަމެކެވެ. އަޅުގަނޑުމެން މޫދަށް އެރިއުޅުނީ "އޮއި ތެއްލާ" ކިޔާ ތަނަކަށެވެ. ބައެއްފަހަރު "ޖައްރާފަޔާ" ކިޔާތަނަކަށްވެސް މޫދަށް އެރެން ދިޔަހަދާން ވެއެވެ. ތަރައްޤީ އާއެކު މިނަން ކިޔުނު ދެތަންވެސް ހިކިފަސް ތަންތަނަށް ބަދަލުވެގެން ދިޔައީއެވެ.
މިފަހަކަށް އައިސް ތިނަދޫގެ ކުދިބޮޑު އެންމެން މޫދަށް އެރެން ގޮސް އުޅެނީ އެސްޓީއޯގުދަނުގެ ކުރިމަތިން އޮތްދިމާލަށެވެ. ހުކުރު ދުވަސްދުވަހު ގިނަ އާއިލަތަކަކުން ހިތްހަމަ ޖެހުމާއިއެކު އުފާވެރި މާހައުލެއްގައި މޫދަށް ގޮސް އާއިލީ ގުޅުން ބަދަހި ކުރަމުން ލިބެމުންއައި ފުރުސަތު ގެއްލުނީއެވެ. އެހެންނަމަވެސް އެއީވެސް ރަށުގެ ތަރައްޤީގެ ޗޭނަށް މަހާލެވޭ އިތުރުބޮޅެވެ. މިސަރުކާރުން ތިނަދޫގެ ބަނދަރު ތަރައްޤީ ކުރުމަށް ކަނޑައަޅައިފައިވާ މަޝްރޫޢު ނިމޭއިރު ރަށުގެ މަލަމައްޗަށް އިތުރު ފުރިހަމަ ކަމެއްލިބޭނެއެވެ. ތަރައްޤީގެ މިފިޔަވަޅާއެކު ރަށުގެ ރައްޔިތުންނަށް ރައްކާތެރިކަމާއެކު މޫދަށް އެރިއުޅެވޭނެ ގޮތެއް ހަމަޖެހިގެން ހިގައްޖެނަމަ އަޅުގަނޑުމެންނަށް އެއްދޮނުގައި ދެބުޅިޖަހާލެވުނީއެވެ.
ދާދިފަހުން މިސަރުކާރުން ނ.އަތޮޅު ވެލިދޫގެ ރައްޔިތުންނަށްޓަކައި ހަދައިދެވުނު އާޓިފިޝަލްބީޗްގެ ފެންވަރުގައި ތަނެއް ނުހެދުނަސް، މިކަމަށްޓަކައި ރަށުފެންވަރުގައި ވާހަކަދެކެވި، މިސަރުކާރާ މަޝްވަރާ ކުރެވިދާނެއެވެ. ފަހަރުގައި ރަގަޅު ގޮތެއް ހަމަޖެހުމަކީ ވެސް ދުރުގައި އޮތްކަމެއްނޫނެވެ. މިއަދުގެ ހާލަތު ވަރަށް ތަފާތެވެ. މޫދަށްއެރި ކަސްރަތުކުރެ އުޅޭ މުސްކުޅިންނާއި، ފަތިހު މޫދަށްދާ އަންހެންވެރިންގެ އަދަދު ވެސް މަދެއްނޫނެވެ. ރަށުގެ ވަށައިގެން ނަޒަރު ހިންގާލިޔަސް، ރައްކާތެރި ގޮތެއްގައި ކުޑަކުދިންނާއި، މުސްކުޅި އުމުރުގެ މީހުންނަށް މޫދަށް އެރެވޭނެ ތަނެއް ނެތެވެ.
ވަގުތީގޮތުން ފަޅުފުން ކުރުމަށްޓަކައި ނެގޭ ފަހުގެ ބޭނުން ކޮށްގެން ނަމަވެސް ގޮޑުދޮށުގެ ހިތްގައިމު ކަން ލިބޭ ގޮތަށް މޫދަށް އެރި އުޅޭވޭނެ ކޮންމެވެސް ތަނެއް ހަމަޖެހިގެން ދިއުމަކީ ޅަފުރާއިގެ ޒުވާނުންނާއި ރަށުގެ ކުދިބޮޑު އެންމެންގެ ހިތަށް ހިތްހަމަޖެހުން ލިބޭނެކަމެކެވެ.
ކޮންމެ ހުކުރުދުވަހަކު ރަށުން ފުރައިގެން ފަޅުރަށަކަށް ދިއުމަކީ އެހާ ފަސޭހަ ކަމެއްނޫނެވެ. ކުރިއަށް މިއޮތް ރަމަޞާން މަހަށް މަރުހަބާކިޔާ މާހެފުން (މޫދަށްގޮސް ހިތްހަމަޖެހުން ލިބިގަތުން) އެސްޓިއޯކުރިމަތިން އޮތް ދިމާލުން ލިބޭނެ އެންމެ ފަހުގެ ފުރުސަތައް ވުމަކީ ވަރަށް ގާތްކަމެކެވެ. އެހެންނަމަވެސް ތިނަދޫގެ ގިނަ ރައްޔިތުންގެ އުއްމީދަކީ އަވަސް ފުރުސަތެއްގައި މިފަދަ އެހެން ތަނެއްގެ ހިތްހަމަޖެހުން ލިބުމެވެ. ރައްޔިތުންނާއި، ވެރިން ގުޅިގެން ތެދުވެ އެއްރޫޙެއްގައި ސަރުކާރާއި މަޝްވަރާ ކުރެވިއްޖެނަމަ ތިނަދޫ ރައްޔިތުންގެ އިޙްސާސްތަކަށް މިސަރުކާރު ފުރަގަސް ދޭނެއޭ ބުނަން ދައްޗެވެ. މިއީ އޯގާވެރި ސަރުކާރުގެ ނަމުން އަޅުގަނޑުމެން ސިއްކަޖެހި ސަރުކާރެވެ. އަޅެ ވާގޮތެއް ބަލަމާހިގާށެވެ.

ތިނަދޫގައި ބާއްވާ އާންމު ޖަލްސާތަކާ ބައްދަލުވުންތަކުގައި ދައްކަމުންދާ ބަހުރުވައިގެ ފެންވަރު ދަށް

-އަބޫބަކުރު ސްކޫލްގެ ލީޑިންގ ޓީޗަރ ޖަމްޝީދާ އަބްދުﷲ-
މިހާރަކަށް އައިސް ތިނަދޫ ގައި ބާއްވާ ޖަލްސާތަކާ އާންމު ބައްދަލުވުންތަކުގައި ވާހަކަ ދައްކާއިރު ބަހުރުވަޔާ ބަހުގެ ފެންވަރު ދަށްކަމުގައި ތިނަދޫ އަބޫބަކުރު ސްކޫލްގެ ލީޑިންގް ޓީޗަރ ޖަމްޝީދާ އަބްދުﷲ ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ގދ އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރައިމްއަރީ އިނގިރޭސި ޖަމްއިއްޔާ ފެންޓާސިއާ އަދި ދިވެހި ޖަމްއިއްޔާ އަދަބީ މަތިވަރުން ބޭއްވި އަދަބީ ޙަރަކާތްތަކުގެ އިނާމު ދިނުމުގެ ޖަލްސާގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވާހަކަ ދައްކަވަމުންނެވެ.
ޖަމްޝީދާ އަބްދުﷲ ވިދާޅުވީ ވާހަކަ ދައްކާ ބަހުރުވަޔާމެދު ފަރުވާ ކުޑަކުރުމުގެ ސަބަބުން ބަހުގެ ކުރިއެރުމަށް ބަދަލު އައިސް ފައިވާ ކަމަށާ އޭގެ އިތުރުން ސްކޫލްތަކުން ބާއްވާ އަދަބީ ހަރަކާތްތަކުގައި ބައިވެރިވާ ދަރިވަރުންގެ އަދަދުވެސް މަދުވަމުން ދާކަން ފާހަގަ ކޮށްލެވޭ ކަމަށެވެ.
ޖަމްޝީދާ އިތުރަށް ވިދާޅުވީ ބަހުގެ އަދަބިއްޔާތަށް ލިބޭ ހީނަރުކަމަށް ސްކޫލް ދަރިވަރުންގެ ބެލެނެވެރިންގެ ދައުރު އިތުރުކުރަން ޖެހިފައިވާ ކަމަށެވެ.

Tuesday, August 3, 2010

ގދ އަތޮޅު ތަޢުލީމީ މަރުކަޒުގެ އަދަބީ ޙަރަކާތް ޕްރައިމަރީ ކުދިންގެ މެދުގައި ތަފާތު ހަރަކާތްތަކެއް ބާއްވައިފި

ގދ އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންގެ މެދުގައި ކޮންމެ އަހަަރަކު އެއްފަހަރު ބާއްވާ އަދަބީ އަދި ސަޤާފީ މުބާރާތްތަކުގެ ތެރެއިން މިއަހަރުގެ މުބާރާތްތަކުގައި ތަފާތު ހަރަކާތްތަކެއް ބާއްވައިފިއެވެ.
ހުސްވި ހަފްތާގައި ވަރަށް ފޯރީގައި ކުރިޔަށް ގެންގޮސްފައިވާ ތަފާތު ހަރަކާތްތަކަކީ ރިލޭގެ އެއްގެ ގޮތުގައި ދިވެހި ސަޤާފީ ބައެއް ހަރަކާތްތައް ހިމެނޭގޮތަށް ކުރިޔަށް ގެންގޮސްފައިވާ ބަޔެކެވެ. މިބައިގައި ރޮށި ފިހުން، ކުނިކެހުން އަދި ހުނިގޭނުން ފަދަ ހަރާކަތްތައް ހިމެނެއެވެ.
ޕްރައިމަރީ އަދަބީ ޙަރަކާތްތައް ހުސްވި ހަފްތާގައި ކުރިއަށް ގެންގޮސްފައިވާއިރު ސެކަންޑްރީ ކުދިންގެ އަދަބީ މުބާރާތްތައްވެސް ވަނީ ވަރަށް ފޯރިއާއިއެކު ނިންމާފައެވެ.
ގދ އަތޮޅު ތަޢުލީމީ މަރުކަޒުން ހުވަދޫ ވީކްލީއަށް މަޢުލޫމާތުދެއްވަމުން ވިދާޅުވީ އެސްކޫލުގައި ބޭއްވި ޙަރަކާތްތަކުގެ ނަތީއްޖާ ފާލުކުރުން ފުރަތަމަ ބާއްވަން އޮތީ 27 ޖުލައި ކަމަށެވެ. ނަމަވެސް މިހާރު އެޙަފްލާ ބާއްވާނީ މިހަފްތާގެ ބަންދުގައެވެ